ކުޅުދުއްފުށި ސިޓީ، ދިވެހިރާއްޖެ | 30 އޭޕްރިލް 2025
ދިވެހިރާއްޖޭގެ އުތުރު އަތޮޅުތަކަށް ނިޞްބަތްވާ 35 އަންހެނުން،
ކުޅުދުއްފުށި ސިޓީގައި ހިންގުނު "އިސްވާރު – ލާމަރުކަޒީ ހިންގުމުގައި
އަންހެނުން" ގެ ޕައިލެޓް ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިއެވެ. މި
ޕްރޮގްރާމަކީ
ޔޫ.އެން.ޑީ.ޕީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)،
މޯލްޑިވްސް އިންސްޓިޓިއުޓް
އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) އާއި
ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެން، އިނގިރޭސިވިލާތުގެ ސަރުކާރުގެ
އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މަޤްޞަދަކީ
ރަށު ފެންވަރުގައި ކަންކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެންމެން
ޝަމިލްވާ އަދި މިންތީގެ ވަކިވަކި ބޭނުންތަކަށް އިޖާބަދޭ ނިޒާމެއް ދިވެހިރާއްޖޭގައި
ކުރިއެރުވުމެވެ.
ހއ، ހދ، ށ، އަދި ނ ގެ އަތޮޅުތަކުގެ ބައިވެރިންނަށް 24
އެޕްރީލް 2025 އިން 30 އެޕްރީލް 2025 ގެ ނިޔަލަށް ކުރިއަށް ގެންދެވުނު މި
ޕްރޮގްރާމުގައި މުހިންމު ދާއިރާތަކުން ގިނަ މަޢުލޫމާތުތަކެއް
ހިއްސާކުރެވިފައިވެއެވެ. އެގޮތުން މުޖުތަމަޢު ހަރަކާތްތެރިކުރުމުގެ އުކުޅުތައް،
މުޖުތަމަޢުގެ ލަފަޔާ މަޝްވަރާކުރުމުގެ ހުނަރުތައް، ރައްޔިތުންގެ ބައިވެރިވުމާއެކު
ވެރިކަން ހިންގުމުގެ ނިޒާމުތައް، ކަންކަން ނިންމާ ފެންވަރުގައި މިންތީގެ
ހަމަހަމަކަން ކަށަވަރުކުރުން، ވެރިކަން ހިންގުމުގައި ނުކުޅެދުންތެރިކަން ހުންނަ
ފަރާތްތައް ބައިވެރިކުރުން، ކެމްޕޭން ރޭވުމާއި މުވާސަލާތުކުރުން، އަދި ލާމަރުކަޒީ
އުސޫލުން ވެރިކަން ހިންގުމުގެ އޮނިގަނޑުތަކާއި އުސޫލުތަކުގެ މަޢުލޫމާތު
ބައިވެރިންނާ ހިއްސާކުރެވިފައިވެއެވެ.
މި ޕްރޮގްރާމު ފަރުމާކުރެވިފައިވަނީ ޔޫ.އެން.ޑީ.ޕީ ގެ
"ޕްރެކްޓިސް ޕާލަމެންޓް" އަދި "ޖުޑިޝަރީ ފޮރ ޖޫނިއަރސް" ގެ
މައްޗަށް ބިނާކޮށް ލާމަރުކަޒީ ނިޒާމާއި މަދަނީ ތަރުބިއްޔަތު ނުވަތަ ސިވިކް
އެޑިއުކޭޝަންގެ އަސާސީ މަޢުލޫމާތު، ޢަމަލީ ތަޖުރިބާއާއެކު ބައިވެރިންނަށް
ފޯރުކޮށްދެވޭނެ ގޮތަށެވެ. އަދި މި ޕްރޮގްރާމް ބައްޓަންކުރެވިފައިވަނީ 2024 ވަނަ
އަހަރު ޝާއިޢުކުރެވުނު
"ލާމަރުކަޒީ ނިޒާމުގެ ތެރޭގައި މިންތީގެ
ތަފާތުކުރުމުގެ އެސެސްމަންޓް" ދިރާސާގެ
ހޯދުންތަކަށް ބިނާކޮށެވެ. މި ދިރާސާގައި އަންހެނުން ސިޔާސީ ގޮތުން ބައިވެރިވުމަށް
ހުރި ނިޒާމީ ހުރަސްތައް ނައްތާލުމަށްޓަކައި އަންހެނުންގެ ޤާބިލުކަން
އިތުރުކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، މިޕްރޮގްރާމުގެ
ތެރެއިން ކަންކަން ނިންމުމާއި ހިންގުންތެރިކަމުގެ ޢަމަލީ ހުނަރުތައް
ތަރައްޤީކުރުމުގެ ގޮތުން ބައިވެރިން ވަނީ އެކި ކައުންސިލްތަކަށް ޒިޔާރަތްކޮށް،
ތަމްސީލީ ޓައުންހޯލް ވެލިޑޭޝަން ސެޝަންތަކާއި، ރައްޔިތުންނާ މަޝްވަރާކުރުމުގެ
ސެޝަންތަކުގައި ބައިވެރިވެފައިވެއެވެ.
"މި ޕްރޮގްރާމުގައި ކުރިއަށް ގެންދިޔަ އެކި
ހަރަކާތްތަކާއި ސެޝަންތަކުގެ ތެރެއިން، ރަނގަޅަށް ރޭވިފައިވާ އިސްތިރާޖްތަކާއެކު
އިންތިހާބީ މަޤާމަކަށް ކުރިމަތިލުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރުތައް
އަޅުގަނޑުމެންނަށް ދަސްވެގެންދިޔަ. އަޅުގަނޑުމެންނަށް އެންމެން ޝާމިލްކުރުމާއި،
މިންތީގެ ހަމަހަމަކަން ފަދަ އެކި ނަޒަރިއްޔާތަކުން ފުންކޮށް ވިސްނިދާނެ
ގޮތްތަކާއި، އަދި ސިޔާސަތުތައް އެކުލަވާލުމުގައި އެންމެ އެކަށީގެންވާ އުކުޅުތައް
ބޭނުންކުރުމަށް ދަސްވި. މިއީ ވަރަށް ގިނަ ތަޖުރިބާ ހުރި އަންހެނުންނާއެކު ގިނަ
ކަންތައްތަކެއް ދަސްކޮށް، ކުރިއަރައިގެން ދިއުމަށް ލިބުނު ޚާއްޞަ ފުރުޞަތެއް."
ކުޅުދުއްފުށި ސިޓީން މިތަމްރީނުގައި ބައިވެރިވި ނަހުޒާ ޙަސަން ފާހަގަކުރެއްވިއެވެ.
"އަންހެނުންނަށް ހިންގުންތެރިކަން ދައުރެއް
އަދާކުރުމަށް ލިބޭ އެންމެ ފުރިހަމަ މަންސައަކީ ރަށު ކައުންސިލްތައް. އެއީ
ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ފަރާތަކީ އެއީ ކަމަށްވާތީ.
އަޅުގަނޑުމެން ރަށު ފެންވަރުގައި އަންހެނުންގެ ހިންގުންތެރިކަން ފެންނަ އަދި
ބަލައިގަންނަ މާޙައުލެއް އުފެއްދުމުން، އަޅުގަނޑުމެން އިންވެސްޓްކުރަނީ ހަމައެކަނި
ރަށްރަށުގެ ލީޑަރޝިޕަކަށް ނޫން. މުޅި ޤައުމުގެ ލީޑަރޝިޕަށް،" ލޯކަލް
ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝަމްޢޫން އާދަމް ވިދާޅުވިއެވެ.
"ޔޫ.އެން.ޑީ.ޕީ އާއި އެލް.ޖީ.އޭ އާ ގުޅިގެން
"އިސްވާރު 2025" ކުޅުދުއްފުށި ސިޓީގައި ބޭއްވުމަކީ ކުޅުދުއްފުށި ސިޓީ ކައުންސިލަށް
ލިބުނު ވަރަށް ބޮޑު ފަހުރެއް. މި މަސައްކަތަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން
އަންހެނުން ބާރުވެރިކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން އިސް ސަފުގައި އަންހެނުން
ބައިވެރިކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެއް. އުތުރުގެ އަތޮޅުތަކުން މިފަދަ
ކުޅަދާނަ، މިކަން ކުރުމަށް ޝަޢުގުވެރި އަންހެނުންތަކެއް އަޅުގަނޑުމެންގެ ސިޓީއަށް
މަރުޙަބާ ކިޔުމަކީ ޙަޤީޤަތުގައިވެސް ލިބުނު ބޮޑު ޝަރަފެއް. 'ކުރިން ނުލިބޭ
އެއްޗެއް ހޯދުމަށް، ކުރިން ނުކުރާ ކަމެއް ކުރަން ޖެހޭ' އޭ ބުނާފަދައިން،
އިސްވާރުގައި އެކުލެވިގެންވަނީ މި ރޫޙު. އެއީ މުހިއްމު ފިޔަވަޅުތައް އެޅުމަށް
ހިތްވަރުދީ، އައު ވިސްނުންތައް އިސްކޮށް، އެންމެން ޝާމިލްވާނެހެން
ހިންގުންތެރިކަން ބައްޓަންކުރުމަށް،" ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރ
މުޙައްމަދު ޢާޠިފް ވިދާޅުވިއެވެ.
މި ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ވަނީ ކުޅުދުއްފުށި
ސިޓީއަށް ބިނާކޮށް މޮކް ތަރައްޤީގެ ޕްލޭނެއް އެކުލަވާލާފައެވެ. އަދި،
މުސްތަޤުބަލުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާނެގޮތުގެ 1 އަހަރު ދުވަހުގެ
ޢަމަލީ ޕްލޭނެއް ކޮންމެ ބައިވެރިއެއް ވަކިން ވަނީ އެކުލަވާލާފައެވެ. މީގެ
އިތުރުން، މީޑިއާއާ މުޢާމަލާތުކުރުމާއި، ޢާންމުކޮށް ވާހަކަދެއްކުމާ ބެހޭ ގޮތުން
ކުރިއަށް ގެންދެވުނު އިތުރު ސެޝަންތަކުން ބައިވެރިންގެ ޓެކްނިކަލް ކެޕޭސިޓީ އަދި
ލީޑަރޝިޕް ވަރުގަދަކޮށް، މުވާސަލާތުކުރުމާއި އެޑްވޮކަސީގެ ހުނަރުތައް
ހަރުދަނާކުރެވުނެވެ.
"ކަންކަން ނިންމާ އަދި ލީޑަރޝިޕްގައި، އަންހެނުންގެ
މާނަވީ ބައިވެރިވުން ހޯދުމަށް އަޅުގަނޑުމެން ދަތުރުކުރަންޖެހޭ މަގު އަދިވެސް
ވަރަށް ދިގު. އަންހެނުންގެ
ބައިވެރިވުން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ޔޫ.އެން.ޑީ.ޕީ އިން
އަބަދުވެސް ސާބިތުވެ، އެހީތެރިކަން ފޯރުކޮށްދޭނެ. ބާރުހުރި
އަދި އެންމެން ޝާމިލުވާ ލާމަރުކަޒީ ނިޒާމެއްގައި އަންހެނުންގެ އަޑާއި ވިސްނުން
ވަރަށް މުހިންމު. އަޅުގަނޑުމެންގެ އުންމީދަކީ ޕްރޮގްރާމުން ލިބުނު މަޢުލޫމާތާއި
ގުޅުންތައް މިގޮތުގައި ކުރިއަށް ދިއުން،" ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ
އެސިސްޓަންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވް، ގަވަރނަންސް، ޔާސްމިން ރަޝީދު
ވިދާޅުވިއެވެ.
"އިސްވާރު" ޕްރޮގްރާމަކީ ޔޫ.އެން.ޑީ.ޕީ ގެ
މިންތީގެ ހަމަހަމަކަމާއި، އެންމެން ޝާމިލްވާ ވެރިކަން ހިންގުމުގެ ނިޒާމެއް ގާއިމުކުރުމާއި،
ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި 5 (މިންތީގެ ހަމަހަމަކަން) އަދި ލަނޑުދަނޑި 16 (ސުލްޙަ، ޢަދުލު އިންސާފު އަދި ވަރުގަދަ މުއައްސަސާތައް) އަށް
ހިއްސާކުރާ މަސައްކަތެކެވެ. މިޕްރޮގްރާމްގެ ބައިވެރިން އެމީހުންގެ މުޖުތަމަޢުއަށް އެނބުރި
އެ ދަނީ، އައު ހުނަރުތަކާއި، ޕްލޭންތަކާއި، އައު ގުޅުންތަކާއެކުއެވެ. އަދި
މިކަމުގެ ސަބަބުން ބައިވެރިން ތަމްސީލުކުރާ ރަށްތަކުގައި އެންމެން ޝާމިލުކޮށް،
ތަމްސީލުކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ ބިންގާ ވަރުގަދަވެގެން ދާނެއެވެ.