ޗައިނާގެ ބެއިޖިންގައި ބޭއްވޭ ސެމިނާގައި 15 ކައުންސިލަކުން ބައިވެރިވަނީ އައު

06 ޖުލައި 2025

ޗައިނާގެ ވެރިރަށް ބެއިޖިންގައި މިމަހުގެ 8 އިން 28 އަށް "ސެމިނާ ފޯ ލޯކަލް ކައުންސިލް މެންބަރސް އޮފް މޯލްޑިވްސް" ގެ ނަމުގައި ކައުންސިލްތަކަށް ޚާއްޞަ ސެމިނާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެމިނާގައި ރާއްޖޭގެ 15 ކައުންސިލަކުންނާއި، އެލްޖީއޭގެ 4 މުވައްޒަފަކާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ އެއް މުވައްޒަފަކު ބައިވެރިވާނެއެވެ.
ޖުމްލަ 20 ބައިވެރިން ހިމެނޭ މި ސެމިނާގެ މައިގަނޑު މަޤްޞަދަކީ ޕަބްލިކް ސަރވިސް އަދި ލޯކަލް ގަވަރނަންސްގެ ދާއިރާއިން ތަޖުރިބާ ބަދަލުކުރުމާއި ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިކުރުމެވެ. އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ މިނިވަން ތަރައްޤީގެ ޤާބިލުކަން އިތުރުކުރުމަށާއި، ގްލޯބަލް ވިޝަނާއި ލީޑަރޝިޕްގެ ހުނަރު ލިބިފައިވާ ވެރިން އުފައްދައި ހުނަރު ވަރުގަދަކުރުމަށްވެސް މި ސެމިނާގައި އަމާޒުކުރެވިފައިވެއެވެ.
މި ސެމިނާގައި ޗައިނާގެ ޤައުމީ ޙާލަތާއި މޮޑަނައިޒޭޝަންއާ ބެހޭ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި ޗައިނާގެ ލީޑަރުންގެ ވެރިކަމުގެ ފަލްސަފާއާއި، އިދާރީ އިސްވެރިންގެ ލީޑަރޝިޕް ތަރައްޤީކުރާނެ ގޮތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެވޭނެއެވެ. މީގެ އިތުރުން، އީ-ގަވަރމަންޓް މެދުވެރިކޮށް އިދާރީ މަސައްކަތުގެ މޮޑަނައިޒޭޝަން އިތުރުކުރުމާއި، ޗައިނާގެ ސިޔާސީ ނިޒާމާއި ލޯކަލް ގަވަރމަންޓް ހިންގުމުގެ ނިޒާމާ ބެހޭ މަޢުލޫމާތުތައްވެސް ބައިވެރިންނާ ހިއްސާކުރެވޭނެއެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް