ށ.ނޫމަރާ ކައުންސިލްގެ އައު ކައުންސިލް
އިމާރާތުގެ މަޝްރޫއުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއަކީ މި އޮތޯރިޓީގެ
ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން، ށ.ނޫމަރާ ކައުންސިލާއި ހަވާލުކޮށްގެން
ކުރިޔަށް ގެންދިޔަ 3.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އީކޮން މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް
ނިންމާލެވިފައިވަނީ 31 އޮކްޓޯބަރ 2024 ގައެވެ.
މި އިމާރާތުގެ ކުރެހުމާއި
ޑިޒައިން ކުރެވިފައިވަނީ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ފަސޭހަ މާހައުލެއް
ލިބިގެންދާނެފަދަ ގޮތަކަށެވެ. މިގޮތުން، މި އިމާރާތުގައި 80 މީހުންގެ ޖާގައިގެ
ކޮންފަރެންސް ހޯލަކާއި 16 މީހުންގެ ޖާގައިގެ މީޓިންގ ރޫމެއް ހިމެނެއެވެ. އަދި
ކައުންސިލް ރައީސް، ކައުންސިލް
ނައިބުރައީސް، ކައުންސިލް
މެމްބަރުންނާއި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއަށް ބޭފުޅުންނަށް ވަކިވަކި ކެބިން ހާއްސަ ކުރެވިފައިވެއެވެ.
މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ހާއްސަ
މާލަމަކާއި، ސްޓޯރ ރޫމަކާއި، ނަމާދު ކޮޓަރިއަކާއި، ސައިކޮޓަރިއެއްގެ އިތުރުން
އަންހެން އަދި ފިރިހެން ބޭފުޅުންނަށް ހާއްސަ ފާހާނާ މި އިމާރާތުގައި ހިމެނިފައިވާނެއެވެ.
ށ. ނޫމަރާ ކައުންސިލް އިދާރާގެ ގޮތުގައި ކުރިން ބޭނުން ކުރަމުން
އައި އިމާރާތަކީ ވަރަށް ގިނަދުވަސް ވެފައިވާ ޖާގައިގެ ގޮތުން ދަތި ވަސީލަތްތައް
މަދު އިމާރާތެކެވެ. އައު ކައުންސިލް އިދާރާއާއެކު ކުރިން ދިމާވި ދަތިތަކަށް އެދެވޭ
ހައްލު ލިބި، ރައްޔިތުންނާއި ގާތުން މިހާރަށްވުރެވެސް ފުރިހަމައަށް ހިދުމަތް ދެވޭނެއެވެ.