ނޭޝަނަލް އިންސްޓިޓިއުޓް އޮފް ރޫރަލް ޑިވެލޮޕްމަންޓް އެންޑް ޕަންޗަޔާތީ ރާޖް
(އެން.އައި.އާރު.ޑީ.ޕީ.އާރު)އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ދެމެދު
ސޮއިކުރެވިފައިވާ އެމް.އޯ.ޔޫގެ ދަށުން ކުރިއަށް ގެންދާ "ކެޕޭސިޓީ ބިލްޑިންގ
އެންޑް ޓްރެއިނިންގ އޮފް މެމްބަރސް އޮފް ލޯކަލް ކައުންސިލްސް އެންޑް ވިމެންސް
ޑިވެލޮޕްމަންޓް ކޮމިޓީ އެންޑް ސްޓާފް އޮފް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ތަމްރީނު ޕްރޮގްރާމް އިންޑިއާގެ
ހައިދުރާއާބާދުގައި ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މިއީ މި ތަމްރީނު
ޕްރޮގަރާމްގެ ގެ 9 ވަނަ ބެޗެވެ. މޭ 19 އިން 02 ޖޫން އަށް ކުރިޔަށް ގެންދިޔަ މި
ތަމްރީނު ޕްރޮގްރާމް މިފަހަރު ޚާއްޞަ ކުރެވުނީ އިންޓަރނަލް އޮޑިޓާ ގުޅުންހުރި
މައުލޫމާތު ފޯރުކޮށްދިނުމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްތަކުގެ ހިންގުން
ހަރުދަނާކޮށް، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ދަށުން އިންޓަރނަލް އޮޑިޓްގެ
މަސައްކަތްތައް ކުރިއެރުވުމެވެ. މީގެ އިތުރުން، އިންޑިއާގެ ކުންފުނިތަކުގައި
އިންޓަރނަލް އޮޑިޓްގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ތަޖުރިބާކުރުމުގެ ފުރުޞަތު
ބައިވެރިންނަށް ލިބިގެންދިޔައެވެ.
މި ތަމްރީނުގައި ބައިވެރިން ވަނީ އިންޓަރނަލް އޮޑިޓިންގގެ ޚުލާސާގެ ތެރެއިން
އެކި އެކި މުއައްސަސާތަކުގައި އޮޑިޓް ކުރާނެ ގޮތްތަކާއި، ބައިނަލްއަޤްވާމީ
އިންޓަރނަލް އޮޑިޓް މިންގަނޑުތަކާއި (އައި.އައި.އޭ)، ދިވެހިރާއްޖޭގެ އިންޓަރނަލް
އޮޑިޓްގެ އޮނިގަނޑުތަކާއި، އޮޑިޓް ޓެކްނިކްތަކާއި ވަސީލަތްތަކުގެ މަޢުލޫމާތު
ދަސްކޮށްފައެވެ. އަދި މި މަސައްކަތުގައި އިންފޮރމޭޝަން ޓެކްނޮލޮޖީ ގެ ބޭނުން
ކުރެވި އެކިއެކި ޕްލެޓްފޯމްތަކާއި އޮޑިޓް ޕޯޓަލްތައް މެދުވެރިކޮށް އޮޑިޓް
ޕްރޮސެސްތައް އޮޓޮމޭޓްކުރުމާ ބެހޭގޮތުން މަޢުލޫމާތު ދެވުނެވެ. މީގެ އިތުރުން
އިންޓަރނަލް އޮޑިޓިންގގެ ޢަމަލީ ތަޖުރިބާ ހޯދުމަށްޓަކައި ޕަންޗާޔަތީ ރާޖް
އިންސްޓިޓިއުޝަންތަކަށާއި (ޕީ.އާރް.އައި) އަދި އާރބަން ލޯކަލް ބޮޑީސްތަކަށް
(ޔޫ.އެލް.ބީ) ބައިވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މި ތަމްރީނު ޕްރޮގްރާމުގައި ރަށު ކައުންސިލްތަކުން 22 ފަރާތަކާއި
އެލް.ޖީ.އޭގެ 8 މުވައްޒަފުން ހިމެނޭ ގޮތަށް ޖުމްލަ 30 ފަރާތަކުން ބައިވެރިވިއެވެ.