"ލާމަރުކަޒީ ނިޒާމުގެ ތެރޭގައި މިންތީގެ ތަފާތުކުރުމުގެ އެސެސްމަންޓް" ރިޕޯޓް ލޯންޗުކޮށްފި

30 އޮކްޓޯބަރު 2024

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލް.ޖީ.އޭ) އާއި އ.ދ ގެ ތަރައްޤީއާއި ބެހޭ ޖަމިއްޔާ (ޔޫ.އެން.ޑީ.ޕީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް (އެމް.އައި.އެލް.ޖީ) ގުޅިގެން ރާއްޖޭގައި އަންހެން ކައުންސިލް މެމްބަރުންގެ ތަޖުރިބާތައް ދިރާސާކުރުމަށްޓަކައި ކުރިޔަށް ގެންދެވުނު "ލާމަރުކަޒީ ނިޒާމުގެ ތެރޭގައި މިންތީގެ ތަފާތުކުރުމުގެ އެސެސްމަންޓް" އެކުލެވޭ ރިޕޯޓް ލޯންޗުކޮށްފިއެވެ. މި ރިޕޯޓް ލޯންޗު ކުރެވުނީ 24 އޮކްޓޯބަރ 2024 ގެ ހެނދުނު ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ރިޕޯޓް ލޯންޗުކޮށްދެއްވީ އެލް.ޖީ.އޭ ގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް އާއި ބްރިޓިޝް ހައި ކޮމިޝަނަރ ކެރޮން ރޮސްލަރ އާއި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ރެޒިޑަންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވެލިއާ އެވެ.
މި ރަސްމިއްޔާތުގައި ބްރިޓިޝް ހައި ކޮމިޝަނަރ ކެރޮން ރޮސްލަރ އާއި، ބްރިޓިޝް ހައި ކޮމިޝަން ގެ އިސް ބޭފުޅުންނާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ރެޒިޑަންޓް ރިޕްރެޒެންޓޭޓިވް އެންރިކޯ ގަވެލިއާ އާއި، ޔޫ.އެން.ޑީ.ޕީ ގެ އިސް ބޭފުޅުންނާއި، އެ އެލް.ޖީ.އޭ ގެ ސީ.އީ.އޯ މުޙައްމަދު ނިމާލް އާއި އޮތޯރިޓީގެ އިސް ބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވަޑައިގެންފައެވެ.
މި އެސެސްމަންޓް ރިޕޯޓުގައި، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގެ ލާމަރުކަޒީ ނިޒާމުގައި މިންތީގެ ހަމަހަމަކަން އޮތް މިންވަރު ދެނެގަތުމަށްޓަކައި ކުރެވުނު ދިރާސާތަކާއި، އެ ދިރާސާތަކުގައި ބޭނުންކުރެވުނު ގޮތްތަކާއި، އޭގެ ނަތީޖާތައް ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ. ލޯކަލް ކައުންސިލްތަކުގައި އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރުމަށް ވަގުތީ ޚާއްޞަ ފިޔަވަޅުތަކެއް އެޅިފައިވީ ނަމަވެސް، ނިންމުންތައް ނިންމުމުގެ މަރުޙަލާގައި އަންހެނުންގެ ބައިވެރިވުމަށް ކުރިމަތިވާ ގޮންޖެހުންތަކުގެ ތަފްޞީލުތައްވެސް މި ރިޕޯޓުގައި ހިމަނާފައިވެއެވެ. މީގެއިތުރުން، ލާމަރުކަޒީ ނިޒާމުގައި އަންހެނުންގެ އަރުތަވެރި ބައިވެރިވުން ކަށަވަރުކުރެވޭނެ މާޙައުލެއް ޤާއިމުކުރުމަށްޓަކައި، ސިޔާސަތުތައް އެކުލަވާލުމާއި ޕްރޮގްރާމްތައް ހިންގުމުގައި ގެންނަންޖެހޭ ބަދަލުތަކާ ބެހޭ ހުށަހެޅުންތައްވެސް މި ދިރާސާގައި ހިމަނާފައިވެއެވެ.
މި ރިޕޯޓުގެ ދިވެހި އަދި އިނގިރޭސި ނުސްޚާ "ކިޔެވެނި" ޕޯޓަލްގެ ލައިބްރަރީ ބައިން ލިބެން ހުންނާނެއެވެ. ރިޕޯޓު ބެލުމަށް ތިރީގައިވާ ލިންކަށް ޒިޔާރަތްކުރެއްވާ:
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް