"ރަށްވެހިންގެ ސައްލާ" ގެ ނަމުގައި ފޯރަމެއް އއ. އުކުޅަހުގައި ފަށައިފި

12 އޭޕްރީލު 2025

ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް "ރަށްވެހީންގެ ސައްލާ" ގެ ނަމުގައި ފޯރަމެއް އއ. އުޅުޅަހުގައި މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ. އިނގިރޭސި ސަރުކާރުގެ މާލީ އެހީތެރިކަމާއެކު މި ފޯރަމް ކުރިއަށް ގެންދަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި ޔޫ.އެން.ޑީ.ޕީ. މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް ގުޅިގެންނެވެ. މި ފޯރަމް ފެށުމުގެ ގޮތުން އުކުޅަހުގެ ކޮންވެންޝަން ސެންޓަރުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެލް.ޖީ.އޭ ބޯޑުގެ ރައީސް، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބަލް އާދަމް ޝަރީފް އުމަރެވެ. މީގެ އިތުރުން މި ރަސްމިއްޔާތުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު ނިމާލް، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް މިސް ޕެކް ޗުއާން ގަން އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ނިކޮލަސް ޑޭވިޑް ލޯ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އޮނަރަބަލް އާދަމް ޝަރީފް އުމަރު ވިދާޅުވީ، ކައުންސިލްތަކުން ނިންމުންތައް ނިންމުމުގައި، ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ ކައުންސިލްތަކުން ރައްޔިތުންނާ ގުޅިގެން މަސައްކަތްކޮށް، ރައްޔިތުންނާ މަޝްވަރާކުރުން ކަމަށެވެ. އަދި މި ސަގާފަތް އާލާކުރެވިއްޖެނަމަ، ރަށްތަކުގެ ތަރައްޤީއަށް އިތުރު ކުރިއެރުންތަކެއް ލިބުމަށް މަގުފަހިވެގެންދާނެ ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބައިވެރިންނަށް މަރުހަބާ ދަންނަވާ ވާހަކަފުޅު ދައްކަވަމުން އެލް.ޖީ.އޭގެ ސީ.އީ.އޯ ވިދާޅުވީ، ކައުންސިލްތަކުން ހިންގާ ޙަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި، ކައުންސިލްތައް ހިންގުމުގައި ހާމަކަން ބޮޑުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މީގެ އިތުރުން، ކައުންސިލްތަކުގެ ޖަވާބުދާރީވުން އިތުރުކުރުމާއެކު، ރައްޔިތުންގެ އޯނަރޝިޕް ހަރުދަނާކޮށް، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ.
ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ޑެޕިއުޓީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އާއި އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވަނީ މިފަދަ ފޯރަމްތަކުގެ މުހިއްމުކަމާއި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގައި އެހެން ޤައުމުތަކުގެ އުސޫލުތަކުން ފިލާވަޅު ލިބިގަނެ އެކަންތައް ތަންފީޒުކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާފައެވެ.
"ރަށްވެހީންގެ ސައްލާ" ގެ މައިގަނޑު މަޤްޞަދަކީ ލޯކަލް ގަވަރނަންސް ނިޒާމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރުމާއި، އެކި ރަށްރަށުގައި އާންމުން ބައިވެރިކުރުމަށް މަސައްކަތްކުރާ ގޮތް ހިއްސާކުރުމެވެ. މި ފޯރަމްގައި، މިއަހަރުގެ ފެބްރުއަރީ 5 އިން 11 އަށް އެލް.ޖީ.އޭ އާއި ޔޫ.އެން.ޑީ.ޕީ. މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އަދި ލޯކަލް ކައުންސިލްތައް ހިމެނޭގޮތަށް ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ހިންގާ ގައުމެއްކަމަށްވާ ފިލިޕީންސަށް ކުރެވުނު ތަޖުރިބާ ދަތުރުގެ އަލީގައި ލާމަރުކަޒީ ނިޒާމުގައި އާންމުންގެ ބައިވެރިވުން އިތުރުކުރުމަށް ފިލިޕީންސްގައި މަސައްކަތްކުރަމުންދާ ގޮތްތަކުގެ މަޢުލޫމާތުވެސް ހިއްސާކުރެއްވިގެންދާނެއެވެ.
މީގެ އިތުރުން، ކައުންސިލްތަކުން ނިންމުންތައް ނިންމުމުގައި ފިލިޕީންސްގައި ޢަމަލުކުރާ އުސޫލުތަކާއި، ކަންކަން ނިންމުމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރެވިދާނެ ގޮތްތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.
ޖުމްލަ 87 ބައިވެރިންނާއެކު ކުރިޔަށް ގެންދާ މި ފޯރަމްގައި ލޯކަލް ކައުންސިލްސް ޕަރފޯމަންސް އިންޑެކްސްގެ ޕާޓިސިޕޭޝަން ސަބް އިންޑެކްސްއިން ވޭތުވެ ދިޔަ އަހަރުތަކުގެ ނަތީޖާތަކަށް ބަލައި، އަތޮޅުތައް ގިންތިކޮށް، އެންމެ މަތިން މާކްސް ހޯދާފައިވާ ކައުންސިލްތަކުގެ ތެރެއިން ހޮވާލެވުނު 20 ކައުންސިލްގެ 55 ބައިވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުންވެސް މި ފޯރަމްގެ ސެޝަންތައް ފެސިލިޓޭޓްކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ގުޅޭ ޚަބަރުތައް
އިތުރު ޚަބަރުތައް